ސިވިލް ކޯޓުގެ އިތުރު ގާޒީއެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ޖޭއެސްސީގެ މެންބަރުންތަކެއް-

ސިވިލްކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒު އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފިއެވެ.

ގާޒީ އަލީ ނަސީރުގެ މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން ބުނެފައިވީ ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ޖޭއެސްސީން ބުނީ ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، އަދުލު އިންސާފާއި މެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އެންގުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ އެންގެމަށް ސިވިލް ކޯޓުގައި މިހާރު ގާއިމުކޮށްފައިވާ ޑިވިޝަންތަކަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖާކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭއަށް އެންގުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ އިތުރު ގާޒީއެއްގެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނައިރު ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލަތަކެއް ބަލަމުންނެވެ. ނަމަވެސް ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ތިން މެޖިސްޓްރޭޓުންނާއި ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.