ބިދޭސީންގެ އިހުތިޖާޖުތަކުގައި ފޮރުވިފައިވާ ކަންކަން ހާމަކޮށް ދިނުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން އިހުތިޖާޖު ކުރަމުން އަންނަނީ ހަމައެކަނި މުސާރައިގެ މައްސަލާގައި ނޫން ކަމަށާއި އެމީހުންގެ އިހުތިޖާޖުތަކަކީ ބަޔަކު ފޮރުވިގެން ތިބެ ހިންގަމުން އަންނަ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވާތީ އެކަމުގައި ފޮރުވިފައިވާ ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ބިދޭސީންގެ މައްސަލަތަކަކީ ރާއްޖޭގައި މިފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން މި އަންނަ ބިދޭސީންގެ މައްސަލަތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީން ހަމަނުޖެހުން ހިންގަމުން އަންނަނީ ހަމައެކަަނި މުސާރަ ނޫދީގެން ނޫންކަމަށާއި، އަދި އޭގެ ފަހަތުގައި ފޮރުވިގެން ވަނީ ކޮން ކަމެއްކަން ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްކެވި ވާހަކަތަކާއި ގުޅިގެން ވެސް އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިހާރު ރާއްޖެއިން ފެންނަމުންދާ މަންޒަރަކީ އިސްތިއުމާރީ ބާރަކުން ގައުމެއް ހިފުމުން ފެންނަ ފަދަ މަންޒަރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވާތީ އިދިކޮޅުން ވަނީ އެކަންވެސް ތަފްސީލުކޮށް ރައްޔިތުންނަށް ސާފު ކޮށްދިނުމަށް ގޮވާލާފައެވެ.

އެ ކޯލިޝަނުން ބުނެފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި ރާއްޖޭގެ މަސްލަހަތާއި ސަލާމަތަށް ނުރައްކާވާ ހިސާބަށް ބިދޭސީންގެ މައްސަލަ އޮތް ކަމަށް ގައުމީ ދިފާއީބާރުން ވިދާޅުވެފައި އޮތުމަކީ ހިތުގައި ނުހަނު ބިރުވެރިކަން އުފެދޭ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *