އަމާޒަކީ ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފަހައްޓައި ދިނުން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފަހައްޓައިދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމި ނިންމުން  ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

އެކަން އިއުލާން ކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އަމާޒަކީ ފަނޑިޔާރުން ސުލޫކީ މިންގަނޑުތައް ހިފަހައްޓައިދިނުމަށް ޖޭއެސްސީ އަށް އެހީތެރިވުން ކަމަށާއި އެއްވެސް ހާލެއްގައި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމަކީ މަޖިލީހުގެ އަމާޒެއް އަދި ނިޔަތެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނޫން އެއީ، ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ އެއްވެސް ނިޔަތެއް ގެންގުޅުމުގެ ވިސްނުމެއް އޮވެގެން ނުވާނެ،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިހާބު ވެފައި ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އޭގެތެރެއިން އެއް ވައުދަކީ ޝަރުއީ ނިޒާމް އިސްލާހު ކުރުން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ވަގުތު ނަގާނެ ކަމަށާއި އެއްރެއިން އެކަންކަން ނުނިމޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީން ބުނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާކަން ފައިސާކަން ސާބިތުވާ ކަމަށާއި އަދި ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު ހިތާވެފައިވާ ކަމާއި، މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *