މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ބަޔަކު ހޯދުމަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ އިދާރާގެ ބޭރު: ފޮޓޯ / މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓް، ކެފޭއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށާއި މި ތަން ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައި ކަމަށެވެ.

އަދި މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރެއް ހިންގުމަށް ވެސް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ. މި ދެ އިއުލާން ވެސް ކޮށްފައިވަނީ މަޖިލީހުގެ ސޯޝަލް ކްލަބުންނެވެ. ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި އޮންނަ ރެކްރިއޭޝަން ކްލަބުން ދެކޭ ގޮތުގައި މެންބަރުން ތިއްބަވަން ޖެހޭނީ މާބޮޑަށްވެސް ފިޓުކޮށް ކަމަށެވެ.

"މެމްބަރުން މާބޮޑަށް ސިއްހީ ގޮތުން ފިޓުވާން ވެއްޖެ ކަމަށް މަޖިލީހުގެ ކްލަބަށް ފެންނަނީ" ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލީހުގައި ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.