މަހްލޫފާއި އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަސައްކަތް ކުރަނީ

ހެލްތު މިނިސްޓަރު އަމީނު އަދި ޔޫތު މިނިސްޓަރު މަހްލޫފު --

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ރައްޔިތުން މަޖިލީހުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރަކު "ހަތާވީސް އޮންލައިން" އަށް މިއަދު ވިދާޅުވީ އެ މަސައްކަތް ކުރަނީ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށެވެ. އާޒިމް އެ މަސައްކަތް ފެއްޓެވީ މިއަދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަދި އެއްވެސް މެންބަރަކު ސޮއި ކޮށްފައި ނުވާ ކަމަށެވެ.

"އަމީނުގެ ނަން މި ލިސްޓަށް މިއީ އަމީނު ދެކެ ރުޅި އަންނަ ވަރަށް ގިނަ މެންބަރުން އެބަ ތިއްބެވި ޕާޓީގައި. އެހެންވީމަ އަމީނުވެސް ހިމަނައިގެން އާޒިމް ބޭނުންވާ މީހާ ވެސް ދުއްވާލުމަށް މަސައްކަތް ކުރަނީ. އަސްލު މިއީ ހަމަ ޒާތީ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް މަހްލޫފު ވަނީ ހާޒިރު ކުރައްވާފައެވެ. މަޖިލިސް ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ އެފްއޭއެމް އިލެކްޝަން ކަންތަކުގައި އަލީ އާޒިމް މަސައްކަތް ކުރެއްވީ އޭނާ ލައްވާ ވަރަށް ހަޑި ކަންތައްތަކެއް ކުރުވުމަށް ކަމަށެވެ.

"އެފްއޭއެމް އިލެކްޝަން ކަންތަކުގައި ހަގީގަތުގައި އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އަލީ އާޒިމް މިކަންތައް ކުރަށްވާ ގޮތުން. ހަމަ ވަރަށް ދެރަވޭ. ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވާ އަޅުގަނޑު ލައްވާ ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން މަސައްކަތްކުރާތީ،" މަހްލޫފް ވިދާޅުވިއެވެ.

ނަމަވެސް މަހްލޫފުގެ ވާހަކަ އެއްކޮށް ނުނިމެނީސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަހްލޫފުގެ ވާހަކަތައް ހުއްޓުވިއެވެ. އަދި ވިދާޅުވީ މަހްލޫފު ދައްކަވަމުން ގެންދަވާ ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

1 thought on “މަހްލޫފާއި އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަސައްކަތް ކުރަނީ

Leave a Reply

Your email address will not be published. Required fields are marked *