ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުން ހަސަން އަލީ އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ: އޭނާ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ / އަވަސް

ހައިކޯޓުގެ ފަނޑިޔާރު ކަމުން ފަނޑިޔާރު ހަސަން އަލީ އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން އަލީ އިސްތިއުފާ ދެއްވާފައިމިވަނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކާއި ގުޅިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކާ ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަރު ކޮމިޝަނުންނާއި ޖޭއެސްސީން ތަހުގީގު ކުރަމުންދަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ހަސަން އަލީ ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ތަހުގީގު ނިންމައި ޖަވާބުދާރީވުމަށް ހަސަން އަލީ އަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ފޮނުވައި ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. ނަމަވެސް ހަތް ދުވަހުގެ މުއްދަތު ހަމަވެ މައްސަލައިގެ އެންމެފަހު އަޑުއެހުން ތާވަލުކޮށް ހާޒިރުވުމަށް އަންގާފައިވަނިކޮށް މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާތީ އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *