ރައީސް މައުމޫންގެ އާއިލީ ފޮޓޯއިން ވަރަށް ވާހަކަ!

ރައީސް މައުމޫންގެ އާއިލާ ފޮޓޯ ----

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގޯސް ފައްތަރެއްގައި ހުންނެވި ބޭފުޅަކަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވެގެން ދާނެއެވެ. ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަދަލުގައި ގައްސާން އިހުތިޔާރު ކުރެއްވީ ބޮޑުބޭބެފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކުގައި ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގަތުމަށެވެ. އެކަމުގެ ސަބަބުން ގައްސާނަށް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. ހިޔާނާތުގެ ފައިސާގައި ގައްސާން ޖެހި ވަޑައިގެން ހުންނެވުމުން އޭރު ޕީޕީއެމްގެ ތެރޭގައި ހިނގި ކަންކަމުގައި ރައީސް މައުމޫންގެ ފަޅިއަށް އެރުމަށް ގައްސާނަށް އުނދަގޫވީ ކަމަށްވެސް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނާއި އެއްބަނޑު އެއްބަފާ ބޭބޭ ފާރިސް މައުމޫން ޖަލަށްލިއެވެ. ގައްސާން ހުންނެވީ އޭރު ވެސް ރައީސް ޔާމީންގެ އަރިހުގައި ރައީސް ޔާމީން ދިފާއު ކުރައްވާ ވާހަކަދެއްކެވުމުގައެވެ. ރައީސް މައުމޫން ދޫކޮށްލެއްވުމަށާއި ފާރިސް ދޫކޮށްލެއްވުމަށް ކުރެވިގެން ދިޔަ އެއްވެސް އިހުތިޖާޖެއްގައި ބައިވެރިނުވާ ތަނުގައި އޭރު ހިނގާދިޔަ ކަންކަމާއި ގުޅިގެން ޓްވީޓުގަނޑެއް ވެސް ކޮށްލާފައި ނުވެއެވެ. މިއީ ވެސް ގައްސާނަށް ގިނަބަޔަކު ފާޑު ކިޔަމުން ދިޔަ ކަންކަމެވެ.

ނަމަވެސް އަބަދުވެސް ގައްސާން ވިދާޅުވެއެވެ. ކަންކަން ހައްލުވެގެން ދާނީ މަގުމަތިން ނޫން ކަމަށެވެ. ރައީސް މައުމޫން ޖަލުގައި ހުންނެވިއިރު ޖަލަށް ވަޑައިގެންފައި ހުންނަވާނެ ކަމަށާއި ކަންކަން ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވި ގޮތުގައި އެ އާއިލާއަކީ އަބަދުވެސް ސިޔާސީ ހިޔާލު ތަފާތުވުން އޮންނަ އާއިލާއެއް ކަމަށާއި ނަމަވެސް އެއީ އާއިލީ ގުޅުން ހީނަރުވާ ކަމެއް ނޫނެވެ. ބައްޕާފުޅާއެކު ވެސް ގާތް ގުޅުމެއް އެބަ އޮތް ކަމަށާއި އާއިލާ އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށް ވެސް ގައްސާން މީގެކުރިން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ ރައީސް މައުމޫނާއި އެކުގައި އެއްވެސް ފޮޓޯއަކުން އަދި އާއިލާ ފޮޓޯއަކުން އެންމެ ފަހަރަކުވެސް ގައްސާން ފެނިވަޑައިނުގަންނަވައެވެ. ގިނަ ބަޔަކު އެކަމާއި ވެސް ސުވާލު އުފެއްދިއެވެ. ސަބަބަކީ ރައީސް މައުމޫން ފާރިސް އާއި ޔުމްނާ މައުމޫން އަދި ދުންޔާ މައުމޫނާއި އެކުގައި ނަންގަވާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލާއިރު ދުވަހަކުވެސް ގައްސާން އެއިން އެއްވެސް ފޮޓޯއަކުން ނުފެނުމެވެ.

ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކައިވެނިފުޅަށް 51އަހަރު ފުރުމުގެ މުނާސަބަތުގައި މިވަނީ އާއިލީ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯ އިން ލައްކަ ވާހަކަ ކިޔައިދީފިއެވެ. އެތައް ދުވަހެއް ފަހުން އާއިލާ ފޮޓޯއަކުން ގައްސާން ވެސް ފެނިވަޑައިގެންފިއެވެ. އަދި ގައްސާނާއި އެމަނިކުފާނުގެ ބައްޕާފުޅާއި މަންމާފުޅުގެ އިތުރުން ދައްތަ އަދި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނާއި އެކަމަނާގެ ފިރިކަލުންވެސް އެ ފޮޓޯއިން ފެނިވަޑައިގަންނަވައެވެ. އަދި ރައީސް މައުމޫންގެ ކާފަ ދަރިންވެސް މި ފޮޓޯއިން ފެނެއެވެ.

ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވީ މާލޭގައި ތިއްބެވި އާއިލީ މެންބަރުންނާއި އެކު އެމަނިކުފާނާއި ނަސްރީނާ އިބްރާހީމްގެ ކައިވެންޏަށް 51 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރައްވަނީ ކަމަށެވެ. އަދި މިވަގުތު މާލޭގެ ނެތް އާއިލީ މެންބަރުންގެ މަތިން ހަނދާން އާވާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ފޮޓޯގައި ނެތް ދެ ބޭފުޅުންނަކީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ކޮންމެއަކަސް މި ފޮޓޯއިން ލައްކަ ވާހަކަ ކިޔައިދީފައެވެ. ގައްސާން މައުމޫން މިއޮއް ހުރިހާ ދުވަހު ވިދާޅުވަމުން ގެންދެވި ފަދައިން ބައްޕާފުޅާއި އެކުގައި އޮންނަ ގުޅުން ރަނގަޅުކަން މި ފޮޓޯއިން ހާމަކޮށްދެއެވެ. އަދި އެ އާއިލާ ތެރޭގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އާއިލީ ގުޅުން ބަދަހިކަން އެ ފޮޓޯ އިން ހާމަ ކޮށްދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *