މަޖިލީހުގެ މެންބަރުންގެ އަދަދާއި ގުޅޭ ގޮތުން ކުރީގެ މެންބަރުންނާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ހިޔާލުތަކެއް!

މަޖިލިސް މެންބަރުންގެ އަދަދާއި ގުޅޭ ގޮތުން ޓްވީޓާގައި ހިޔާލުފާޅުކުރެއްވި ކުރީގެ މެންބަރުންނާއި ކުރީގެ އުއްތަމަ ފަނޑިޔާރު ---

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދާއި ގުޅޭ ގޮތުން ކުރީގެ މަޖިލިސް މެންބަރުންނާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ހިޔާލުތަކެއް ޓްވީޓާގައި ހިއްސާ ކުރައްވައިފިއެވެ.

މި ހިޔާލު ފުރަތަމަ ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ. އެގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަށް ކޮންމެ އަތޮޅަކީ ދާއިރާއަކަށް ހަދާ، މަޖިލީހުގެ ގޮނޑީގެ އަދަދު 19 އަތޮޅަށް 19 ގޮނޑިއަށް ބަދަލުކުރަން ގާނޫނު އަސާސީ އިސްލާހު ކުރުން މުހިންމު ކަމަށެވެ.

އަލްހާންގެ އެ ޓްވީޓާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވަނީ ކުރިންވެސް އޮތް ހެން ކޮންމެ އަތޮޅަކުން 2 މެމްބަރުން އަދި މާލޭން 2 މެމްބަރު ޖުމުލަ 50 މެމްބަރުންގެ މައްޗަށް މަޖލީސް އެކުލަވާލުން ކިހިނެއް ވާނެތޯ ވިދާޅުވެފައެވެ.

ނިހާންގެ ޓްވީޓަށް މީހަކު ރައްދު ދެއްވާ ވަނީ އާރާއި ބާރު އޮއްވާ އެކަން ނުކުރެއްވީ ކީއްވެތޯ ސުވާލުކޮށްފައެވެ. ނިހާން ވިދާޅުވީ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އޭރު ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަރަށް މަޖިލީހުގެ މެޖޯރިޓީ އޭރުގެ ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރު ހިންގާ މައިޕާޓީ އަށް އެކަން ކުރެވޭނެ ވަރަށް މެޖޯރިޓީ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

ނިހާންގެ ވާހަކަފުޅަށް ކުރީގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވެސް ތާއީދު ކުރެއްވިއެވެ. ވިދާޅުވީ މެންބަރުންގެ އަދަދު މަދުކުރުން މުހިއްމު ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަލްހާންގެ އެ ހިޔާލަކީ ދުސްތޫރީ ގޮތުން ސައްހަ ވާނެ ގޮތެއް ނޫން ކަމަށެވެ، ރައްޔިތުން ރެޕްރެޒެންޓް ކުރެވޭނީ ހަމަހަމަ އުސޫލަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިއީ އާންމުކޮށް އަޕާ ހައުސް އިންތިހާބު ކުރާގޮތް. ބޭނުންވަނީ މަޖިލިސް މެންބަރުން މަދުކުރުންނަމަ ހައްލަކީ މެންބަރަކު ކޮންމެ ފަސް ހާހަކަށް ހޮވުމުގެ ބަދަލުގަ އެ އަދަދު މަތިކުރުން،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ އެފަދައިން ވިދާޅުވުމުން އަލްހާން ވިދާޅުވީ އެހެންކަމުން ހައްލަކަށް ވާންވީ ދާއިރާ އަކަށް ކަނޑައަޅާ އާބާދީ ބޮޑުކުރުން ކަމަށެވެ. ކޮންމެ 20،000 މީހަކަށް ދާއިރާއެއް ރަނގަޅުވާނެ ކަމަށް އަލްހާން ފާހަގަކުރެއްވިއެވެ.

"އޭރުން ތިޔަ ވިދާޅުވާ proportionate representation އޮންނާނީ ރަނގަޅަށް. ބެނުންވަނީ މަޖްލިސް މެމްބަރުންގެ އަދަދު މަދުކުރުން،" އަލްހާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވާތީ އެކަމަށް އެތައް ފަހަރަކުވެސް އިސްލާހު ހުށަހެޅިއެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ އިސްލާހުތައް ފާސްވާ ގޮތެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *