އިދިކޮޅު ކޯލިޝަނުން އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

އިދިކޮޅު ކޯލިޝަނުން އިންޑިއާ ސަފީރާ ބައްދަލުކުރައްވަނީ --

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީތެރިކަމާއި އެކުގައި ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތަކުގެ މައުލޫމާތުތައް ވަނީ އޮޅުން ފިލުވާފައެވެ. އަދި ހަމައެއާއިއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި ކުރީގެ ދެ ނާއިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕީއެންސީގެ ދެ ނާއިބު ރައީސުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފާއި މުހައްމަދު ސައީދު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިދިކޮޅުން އިންޑިއާ ސަފީރާ ބައްދަލުކުރައްވާފައިވާއިރު އެ ކޯލިޝަނުން ތަފާތު އެކި ފޯރަމްތަކުގައި އިންޑިއާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ އިންޑިއާ އާއި ގާތް ގުޅުމެއް ބާއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *