ރެސިޑެންސް ވިސާގެ އިސްލާހާ ގުޅިގެން ފޯރަމެއް ބާއްވަނީ

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރިން ވިސްނެވީ އަންނަ އާދީއްތަ ދުވަހު ފޯރަމް ބޭއްްވުމަށް ކަަމަށާއި، އެހެން ނަމަވެސް އެއީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެބާވަތުގެ ކަމެއް ކުރެވެން ނެތް ކަމަށެވެ. އަދި މަޖިލީހުގެ އިދާރާއާއި މަޝްވަރާ ކުރެއްވުމަށްފަހު، ފޯރަމް ބާއްވާ ދުވަސް ކަނޑައަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މުގައްރިރު ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނަޝިދު ވިދާޅުވީ އެމަނިކުފާނަކީ ކޮމެޓީއަށް އިސްލާހު ހުށަހެޅޭނެ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *