"އަޅުގަނޑެއް އެއްވެސް އިސްލާހެއް ހުށަހަޅާފައެއް ނުވާނެ"

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: މެންބަރުން މަޖިލިސް ޖަލްސާ އަށް ގަޑިޖެހުމުން މުސާރައިން ކަނޑާ ގޮތަށް ގަވާއިދު އިސްލާހު ކުރަން އެމަނިކުފާނު ވަނީ ހުށަހަޅާފައި -- ފޮޓޯ / މަޖިލިސް

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ކަމަށް ވިދާޅުވާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ވޯޓަށް އެހުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކޮމެޓީއަށް އިސްލާހު ހުށަހެޅޭ ބޭފުޅެއް ނޫންކަން ހުރިހާ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނޯންނާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލް ދިރާސާ ކުރަމުން ދަނިކޮށް އަދި ބިލް ދިރާސާކޮށް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން އެމަނިކުފާނަށް އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި އެ ގޮތަށް އަމަލު ކޮށްފައި ވެސް ނުވާނެ ކަމަށެވެ. އެމަނިކުފާނު ކޮމިޓީއަށް ފޮނުއްވީ މަޖިލީހަށް ލިބުނު ހިޔާލުތަކުގެ ނޯޓުތައް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *