މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓު ނެރެފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީގައި މީހަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / ޕީއެސްއެމް

މުޅި ރާއްޖެއަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.

އެންމެ ފުރަތަމަ މޫސުމާ ބެހޭ އިދާރާއިން އެލާޓު ނެރުނީ ދެކުނުގެ އަތޮޅުތަކެށެވެ. އެއީ ލ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށެވެ. މޫސުމާ ބެހޭ އިދާރާއިން އެލާޓު ނެރުނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އަށެވެ. އެ ވަގުތުތަކުގައި އެ ސަރަހައްދު ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ލަފާކޮށްފައިވެއެވެ.

އަދި ފަހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ ހެނދުނު 7:00 އިން ފެށިގެން މެންދުރުފަހު 13:00 އާއި ހަމައަށެވެ. އެވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވެއެވެ. ހަމައެހެންމެ މި ސަރަޙައްދުތަކަށް ކަނޑު ގަދަވާނެ ކަމަށް ވެސް ސަމާލުގައި ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *