ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު ކޮމިއުނިކޭޝަން ޑިރެކްޓަރު ފަޒީލް ސަސްޕެންޑު ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި އަހުމަދު ފަޒީލުގެ މައްޗަށް ކުރެވެނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، އޭނާ ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން އަންނަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރަމުންނެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް އަންނަނީ ކުރެވެމުންނެވެ.

ފަޒީލް އަކީ ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ސަސްޕެންޑު ކޮށްފައިވާއިރު އޭނާ ނިސްބަތްވާ އެމްއާރްއެމް އިން ވަނީ އޭނާ މަގާމުން ސަސްޕެންޑްކުރަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ.

މި މައްސަލަ ބަލައި ނިމެންދެން އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ވެސް އޭނާ ދުރުކޮށްފައެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު ފުރިހަމައަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެމްއާރްއެމް އިން ވަނީ އަރުވާފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި ސަރުކާރުގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއް މަގާމުން ސަސްޕެންޑު ކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވި އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އޭނާ ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *