މިއީ ރޭވިގެން އަޅުގަނޑާ ދެކޮޅަށް ބަޔަކު ހިންގާ ޖަރީމާއެއް: އަލީ ވަހީދު

Ali waheed

ފުލުހަށް ބަޔާން ދެއްވުމަށްފަހު، ޝަހީދު ހުސައިން އާދަމް ބިލްޑިންއިން އަލީ ވަހީދު ނުކުމެވަޑައިގަންނަވަނީ-- ފޮޓޯ/ ހަތާވީސް

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ވަޑައިގެން ބަޔާން ދެއްވުމަށްފަހު، އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.

"މިއީ ރޭވިގެން ބަޔަކު ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު ދަންނަވާފައިވާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކަށް އިންކާރު ކުރާކަމަށް،" ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ނުކުމެވަޑައިގެން އަލީ ވަހީދު ވިދާޅުވިއެވެ.

"މިއީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް. މިކަމުގެ ތަހުގީގު ނިމިގެންދިޔައީމަ އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށް ސާފުވެގެންދާނެ."

އަލީ ވަހީދަށް ފުލުހުން ކުރި ތުހުމަތުތަކަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެ ތުހުމަތުތައް ވިދާޅުވާނީ ފުލުހުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާއަށް ކުރި ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށާއި ހަނު ހުރެފައިނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިނިސްޓަރުކަމުން އޭނާ ވަކިކުރެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމެވުމަށް އިހްތިރާމު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާއަށް ކުރާ ތުހުމަތުތައް ސާފުވެގެންދިއުމަކީ އުންމީދު ކުރާ ގޮތް ކަމަށާއި އިންސާފު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ސިޔާސީ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އޭނާއަށް ކުރާ ތުހުމަތުތައް ސާފުވުމުން ނޫނީ އެއަށް ޖަވާބެއް ދެވެން ނެތް ކަމަށެވެ.

"ހަގީގަތުގައި ވަރަށް ދެރަވެފަ މިހުރީ. މިރޭ އެއްގަޑިއިރުފަހުން ޒުވާން ހަޔާތް ނިމިގެންދާނެ. މިރޭ 12 ޖަހާއިރު އަޅުގަނޑަށް 36 އަހަރު ފުރިގެންދާނެ... އަޅުގަނޑުގެ އަމާޒަކީ އަޅުގަނޑުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުކޮށްދިނުން،" އަލީ ވަހީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސްކަމުން އިސްތިއުފާ ނުދިން ސަބަބާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ އެއްވެސް މަގާމަކުން އިސްތިއުފާ ނުދިނީ "ކުރާ ތުހުމަތުތައް ގަބޫލު ނުކުރާތީ" ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ގުޅޭ އޯޑިއޯތަކެއް އޭނާގެ އަތުގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ "އޭނާއަކީ އެ ޒާތުގެ ކަންކަން ކުރާ މީހެއް ނޫން" ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *