އަދީބަށް ކުރި ދައުވާތައް ބާތިލު ކުރި ގާޒީ ދެމަހަށް ސަސްޕެންޑުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު: އަދީބަށް ކުރި ދައުވާތައް ބާތިލު ކުރެއްވި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ގާޒީ އިސްމާއިލްގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތައް ބާތިލު ކުރުމަށް ގާޒީ އިސްމާއިލް ކުރެއްވި ހުކުމާމެދު ކަންބޮޑުވުންފާޅު ކުރައްވައި ކުރައްވައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ އެ ހުކުމަކީ “ހަމަނުޖެހޭ” ހުކުމެއް ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތުގައި އެކަމެއްގެ ވާހަކަ ނުދެކެވެނީސް، ގާޒީއަށް އެނގޭ މައުލުމާތުތަކެއްގެ މައްޗަށް ހުކުމް ކުރަންވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. “ހެއްވާ ގޮތަކަށް” ކުރެއްވި ހުކުމާ ގުޅިގެން ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ދައުވާތައް ބާތިލު ކުރި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަންބޮޑުގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑުކުރީ އެ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ހާމަކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *