އެއްވެސް ވަކީލެއްގެ މައްސަލައެއް ބަލާކަން އަންގާފައެއް ނުވާނެ: ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސްއާ މެންބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި -- ފޮޓޯ / މަޖިލިސް

ބާ ކައުންސިލުން އެއްވެސް މީޑިއާ އަކަށް ވަކީލެއްގެ މައްސަލައެއް ހުށަހެޅުނުކަން ނުވަތަ ނޫންކަން ވެސް އަންގާފައި ނުވާނެ ކަމަށް ބުނެފިއެވެ.

ބާ ކައުންސިލުން މިފަދައިން ބުނެފައި މިވަނީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އާއި ގުޅޭ މައްސަލަތަކެއް ބާ ކައުންސިލަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ އެ މައްސަލަ އެ ކައުންސިލުން ބަލަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

ބާ ކައުންސިލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޤާނޫނީ ވަކީލަކާ ގުޅޭ ގޮތުން ބާ ކައުންސިލަށް ހުށަހެޅޭ ޝަކުވާއެއް ބަލައިގަތުމަކީ، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމުގެ ގަވާއިދުގެ ދަށުން، އެގަވާއިދުގައި ބަޔާންކޮށްފައިވާ ވަކި ކަންތައްތަކެއް ފުރިހަމަވާ ގޮތަށް ހުށަހެޅުމުން ބާ ކައުންސިލުން ބަލަންޖެހޭ ބެލުންތައް ބަލައި، ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، ޝަކުވާ ހުށަހަޅާ ފަރާތަށް އަންގާ ކަމަކަށް ވާތީ، އެއްވެސް ވަކީލަކާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެޝަކުވާއެއް ބަލައިގެންފައިވާކަން ނުވަތަ ނޫންކަން އެއްވެސް މީޑިއާއަކަށް އެ ކައުންސިލުން މަޢުލޫމާތު ދީފައި ނުވާނެ ކަމަށެވެ.

އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެފައެވެ. ފުލުހުންނާއި އެކުގައި އޭރު ވެވުނު އެއްބަސްވުމެއްގައި ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާ އޮއިއްޓެގެ މައްޗަށް ދައުވާ ނުކުރަން ނިންމި ކަމަށް ވެސް އެފަރާތުން ހުށަހެޅި މައްސަލާގައިވެއެވެ.

އެ އެއްބަސްވުމުގައި މުހައްމަދު ހުސައިން ބަޔާނެއް ދީފައިވާއިރު މުހައްމަދު ހުސައިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޝަމީމް ކަމަށްވެސް އެ މައްސަލާގައި ބުނެފައެވެ. މީގެއިތުރުން އެ ބަޔާން ނެގުމަށް ޝަމީމް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކަމަށާއި އެ ގައުމަށް ވަޑައިގަތުމުގެ ޓިކެޓާއި ހުރުމުގެ ހަރަދު ދީފައި ވަނީ އޮއިއްޓެ ކަމަށް ވެސް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލާގައިވެއެވެ.

ނަމަވެސް މި ހުރިހާ ވާހަކަތަކެއް ޝަމީމް ވަނީ ދޮގުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *