މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެ، 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފި

ކަނޑުގަދަ ދުވަސްވަރެއްގައި ދޯނިތަކެއް ދަތުރުކުރަނީ --

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައިޓް އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 15:00ގެ ނިޔަލަށެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށީގެން ވާ ކަމެކެވެ. އެގޮތުން ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

 

Leave a Reply

Your email address will not be published. Required fields are marked *