ރެޒިޑެންޓު ވިސާ އިސްލާހު ފާސްވެއްޖެ ނަމަ ކުށްކުރާ މީހުން ފިލަން އަންނަ ގައުމަކަށް ރާއްޖެވެދާނެ: މުންދު

މީގެކުރިން ބޭއްވި ޖަލްސާއެއްގައި މުންދު ވާހަކަދައްކަވަނީ: ފޮޓޯ / ސަން

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ބޮޑެތި ކުށްތައް ކުރާ މީހުން ފިލަން އަންނަ ގައުމަކަށް ރާއްޖެ ވެދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އިސްލާހު ފާސްވެއްޖެ ނަމަ ކުށްވެރިންނަށް ރާއްޖެ ވެގެން ދާނީ "ސޭފް ހެވަން"އެއްގެ ގޮތުގައި ކަމަށެވެ.

"އެއީ ޑްރަގް ސްމަގަލަރުން ކަމަށް ވިޔަސް ބޮޑެތި އުދުވާންތައް ހިންގާ ބަޔަކު ކަމުގައިވިޔަސް ޓެރަރިސްޓުން ކަމަށްވިޔަސް އެމީސްމީހުން މީސްމީހުންގެ މައްޗަށް ނުފޫޒު ފޯރާ ގާނޫނުގެ އިމުން ބޭރަށް ފިލައިގެން ދާނެ ސޭފް ހެވަންސް. މިއޮތީ ރާއްޖެ އެކަހަލަ ތަނަކަށް ހަދަން ފުރުސަތު ލިބިފައި،" މުންދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވިއެވެ.

"ދަމާ އެއްލައްކަ ރުފިޔާ ދީފައި ރާއްޖެ އަންނާނީ ދުނިޔޭގެ އެހެން ހިސާބެއްގައި ކިހާވަރެއްގެކަމެއް ކޮށްފަ އައި މީހެއްކަން އެނގޭނެގޮތެއް ބެލޭނެގެ ގޮތެއް ނޯންނާނެ" މުންދު ވިދާޅުވިއެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާދިނުމަކީ ދިވެހިންގެ ކަންކަމުގައި ދިވެހިންނަށް ބަސްބުނުން ނިމުމަކަށް އަތުވެދާނެ ކަމެއްކަމަށާއި، ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީންގެ އަޑު ގަދަ ވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވޭތުވެ ދިޔަ 18،19 ވަރަކަށް މަސްދުވަހު މި ސަރުކާރުން ކުރަމުން ދިޔަ ތަފާތު ނޭއްގާނީ ކަންތައްތަކުގެ ތެރެއިން މިވަރުގެ ވިޔާނުދާ މިވަރުގެ ކަންބޮޑުވާން ޖެހޭ ބިރުވެރި ކަމެއް އަދިއެއް ނުހިނގާ. ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްފި. އެކަމު މިވަރު ކަމެއް ނުހިނގާ. އެއީ މިއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މުސްތަގްބަލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވެސް ހިޔަނި އެޅިގެންދާނެ ކަމެކޭ." މުންދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމުގެ ބަހުސް އަކީ ގައުމު ރައްޔިތުން އަތުން ބީވެދާނެ ކަމުގެ ސިގްނަލް އެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަހަލަ ކަމެއް، ރައްޔިތުންގެ ޤާނޫނު ހަދާ މަޖިލީހުގައި މިކަހަލަ ކަމަކާއި ގުޅިގެން ބަހުސެއް ފެށޭ ނަމަ އެ ދޭހަކޮށްދެނީ އެ ޤައމެއް އެ ދައުލަތް އެ ގައުމުގެ ރައްޔިތުންގެ އަތުން ބީވެގެން ދިއުމުގެ ސިގްނަލް އެއް މިއީ." ޝިޔާމް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މި އިސްލާހަކީ ވަރަށް ނުބައި ރޭވުމެއް ކަމަށާއި މިއީ ބާރުގަދަ ގައުމުތަކުން ތަންތަން ހިސޯރު ކުރުމަށް ބޭނުންކުރާ ފަދަ އުކުޅެއް ކަމަށެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ވެސް އަޑުއުފުލަންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *