އިސްލާހު ކުރަން ނިކުތް ކަންކަމަށް ހައްލު ނުލިބޭތީ އެމްއާރްއެމް ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ --

އިސްލާހު ކުރަން ނިކުތް ގިނަ ކަންކަން އަދިވެސް އިސްލާހު ނުކުރެވޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ބުނެފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން މިގޮތަށް ބުނެފައި ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޖަލަށްލިތާ މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން އެޕާޓީން ކުރި ޓްވީޓެއްގައެވެ.

އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް މައުމޫން ޖަލަށްލި މައިގަނޑު ސަބަބަކީ ފާރިސް އިސްވެ ހުންނަވާ ފެއްޓެވި އިސްލާހީ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. އެ މަސައްކަތުގައި ފާރިސްގެ ފަހަތުން އެތައް ބަޔަކު ބައިވެރި އެތައް ގުރުބާނީއެއްވިކަން އެމްއާރްއެމް އިން ވަނީ ފާހަގަކޮށްފައެވެ. އެ މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތެއް ކަމަށްވެސް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

އެމްއާރްއެމް އިން ބުނީ އޭރު ކުރި މަސައްކަތް މިއަދު ކާމިޔާބުވުމުން އުފާ ކުރާ ކަމަށެވެ. ނަމަވެސް އޭރުވެސް އިސްލާހު ކުރުމަށް އެންމެން ނިކުތް ކަންކަން އަދިވެސް އިސްލާހު ނުވާތީ އެމްއާރްއެމް އިން ވަނީ ކަންބޮޑުވެފައެވެ. އަދި ބުނީ ވަރަށް ގިނަ ކަންކަން އަދިވެސް އިސްލާހު ކުރަން އެބަހުރި ކަމަށެވެ.

އެމްއާރްއެމް އިން ދާދިފަހުން ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހެންވޭރުގައި އޮންނަ ކާނިވާ ސަރަހައްދަށް އެކަނި ކަމަށް ކަނޑައަޅައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލު ނުކުރާތީ ރައްޔިތުން މަޖިލީހަށް ފާޑު ކިޔައިފައެވެ.

އެމްއާރްއެމް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އިސްލާހަކީ އެމްއާރްއެމް އިން ގަބޫލުކުރާ އުސޫލުތަކާއި ހިލާފު އަދި ގާނޫނުއަސާސީ އާއި ތައާރަޒުވާ އިސްލާހެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެމްއާރްއެމް އިން ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާކަން ފާހަފަކޮށްފައެވެ.

އޭގެތެރެއިން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް އެމްއާރްއެމް އިން ބުންޏެވެ. ނަމަވެސް އެ އިސްލާހު ހޯމް މިނިސްޓްރީން ހަނި ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން ދަނީ، ގާނޫނުތައް ހެދުމާއި، ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ގާނޫނު އަސާސީ އިން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށް އެމްއާރުއެމުން ބުންޏެވެ. އެމްއާރްއެމް އިން ވަނީ ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނުތައް އަވަހަށް އިސްލާހު ކުރުމަށް މަޖިލީހަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *