"މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ ނެރެފި

ނާއިބު ރައީސް ފައިސަލް ނަސީމް މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ނެރެދެއްވަނީ --

ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާ ކުރުމަށްފަހު އެފޮތް ހޯމް މިނިސްޓްރީން އާއްމުކޮށްފިއެވެ.

ސަތޭކަ ބާވީސް ޤާޢިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަން ޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ޖަލު ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް މި ފޮތުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުއިން ފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެ ގޮތްވެސް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވާ މި ފޮތުގައި ގޮޅިތައް ބަލާ ފާސްކުރުމާއި، ޤައިދީންނާ މުޢާމަލާތްކުރުމުގެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައިވެސް އަމަލުކުރާ އެންމެ ދަށްމިންގަނޑަކީ "މަންޑޭލާ ރޫލްސްކަމުގައި" ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެކެވެ. ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް އެކަން ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާން ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ ސިޔާސީ ހައްޤުތަކާއި، އިންސާނީ ކަރާމާތް ނަގާލުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމްކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި" ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމިންގަނޑަށް ރާއްޖޭގެ ޖަލުތަކުގެ ކަންކަން ގެންދިއުމަކީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ މިދިޔަ މުއްދަތުގެ ތެރޭގައި އެންމެބޮޑު އިސްކަމެއް ދެއްވި އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ، ޖަލުތައް ބަލަހައްޓާ އޮފިސަރުން ތަމްރީނު ކުރެއްވުމަށް ޚާއްޞަ އިސްކަމެއް ހޯމް މިނިސްޓަރު އިމްރާން ދެއްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކުރިއަށް އޮތްތަނުގައި މަންޑޭލާ ރޫލްސްއަށް ހުރިހާ އޮފިސަރުން އަހުލުވެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށްފައި ވަނީ ހޯމް މިނިސްޓްރީ އާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ.

ޖަލުތަކުގައި ހުންނަންވާ ކަމަށް އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ފުރަތަމަ ފަހަރަށް އެކުލަވާލީ 1957 ވަނަ އަހަރު އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ޤަރާރަކުންނެވެ. ނަމަވެސް ޒަމާނާ ގުޅޭގޮތަށް އެ މިންގަނޑު ރިވައިސް ކުރުމަށްފަހު "މަންޑޭލާ ރޫލްސް"ގެ ނަމުގައި އެ މިންގަނޑު އދ ގެ އާންމު މަޖިލީހުން އެޑަޕްޓް ކޮށްފައިވަނީ 17 ޑިސެމްބަރ 2015 ގައެވެ. އދ ގެ، މަސްތުވާތަކެއްޗާއި ރާވައިގެންހިންގާ ބޮޑެތި ކުށްތަކާ ގުޅޭ އޮފީސް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަކީ މަންޑޭލާ ރޫލްސް އާ ގުޅޭ ކަންކަމަށް ޒިންމާވާ އދ ގެ އޮފީހެވެ.

Leave a Reply

Your email address will not be published. Required fields are marked *