ދިވެހި ގައުމިއްޔަތުގެ ސިފައާއި ވައްތަރަށް ބަދަލު ގެންނާކަށް ނުޖެހޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ / މަޖިލިސް

ދިވެހި ގައުމިއްޔަތުގެ ސިފައާއި ވައްތަރަށް ބަދަލު ގެންނާކަށް ނުޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހަޅުއްވާފައި ވާތީ އެކަމާއި ދެކޮޅަށް ހައްދަވާ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ދިވެހިރާއްޖެ ކަމަށެވެ. ދިވެހިރާއްޖޭގައި ވިސާނެތި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފައާއި ވައްތަރަށް ބަދަލު ގެންނާކަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގަން ފަށާފާނެ ކަމަށެވެ. ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ ޚިޔާލުތަކަށް ފަހު ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *