ރެސިޑެންސް ވިސާގެ އިސްލާހާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ ނަޝީދު ހޫނުފެނަށް!

ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެމަނިކުފާނަށް ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ. އެ މައްސަލާގައި ނަޝީދު މިވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް ވަނީ އިތުުރު އިސްލާހުތަކެއް އެ ބިލަށް ގެނައުމަށް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިހާރު ރެޒިޑެންސް ވިސާ ދޭ ބޭރުގެ ވިޔަފާރިވެރިންނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވިއެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުން ހޭލަންވެއްޖެ ކަމަށެވެ. ދިވެހިންގެ އެންމެ އަސާސީ ހައްގުތައް ވެސް ކަށަވަރުކޮށް ނުދީ، ކުރަން އުޅެނީ ނުރައްކާތެރި ކަމެއް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ތުހުމަތު ކުރައްވާ ގޮތުގައި، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ "އަވަށްޓެރި ގައުމެއްގެ ނުބައި ރޭވުންތެރިކަމެއްގެ" ތެރެއިންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ ގުދުސް އަޅުވެތި ކުރުމަށް އެންމެ ފުރަތަމަ ކުރެވުނު ކަމަކީ އެ ގައުމުގެ ބިން ވިއްކުމާއި ޔަހޫދީންނަށް ދާއިމީ ގޮތެއްގައި އެތާ ތިބެވޭނެ ގޮތް ހެދުން ކަމަށެވެ. މިއީ ގައުމެއް އަޅުވެތިކޮށް ހަރާބުކޮށްލަން ކުރާ ފުރަތަމަ ކަންތައްކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވަނީ އެފަދަ ކަންކަމާމެދު ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި ދާއިމީކޮށް ތިބެވޭ ގޮތަށް އިސްލާހު ހުށަހެޅުމަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި އެކަމަށް ރައްޔިތުން ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބިލުން ގައުމަށް ވާނެ ގޮތާ މެދުގައި ރައްޔިތުން ހޭލުންތެރި ކުރުމަށް މީޑިއާ އިން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި މިކަމަށް ބަހުސް ކުރަން އޭނާ ގޮވާލެއްވިއެވެ. އަދި ވިދާޅުވީ އެއީ ވަރަށް ހުޝިޔާރު ވާންޖެހޭ ފުންކޮށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގަން ފަށާފާނެ ކަމަށެވެ. ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ ޚިޔާލުތަކަށް ފަހު ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *