މަސް ފެންގަނޑަކަށް 14 މަހުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލް --

ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން 14 މަހުގެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

މަސް ފެންގަނޑަކަށް ވެއްޓުނު އެކުއްޖާ އަކީ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެނައީ އިއްޔެ އިރުއޮއްސުނު އިރުއެވެ. "ހަތާވީސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުއްޖާ މާލެ ގެންދަން ޖެހުނީ ހާލަތު އިތުރަށް ގޯސްވެ، ފިޓުޖެހުމާއި ގުޅިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެކުއްޖާ އިއްޔެ ހޮސްޕިޓަލަށް ގެނައި އިރުވެސް ހޭނެއް ކަމަށެވެ. އަދި ރޭ މެންދަރު އާސަންދަ މެދުވެރިކޮށް ޗާޓަރު ކުރި ފްލައިޓެއްގައި އެކުއްޖާ މާލެ ގެންދިޔައިރުވެސް ކުއްޖާ ހޭނާރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެކުރިންވެސް ގަމުގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ދެ އަހަރުގެ ކުއްޖަކު ފެންގަނޑަކަށް ވެއްޓި އެކުއްޖާގެ ހާލު ސީރިއަސްވެ އެކުއްޖާ އަށް ވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި މީގެކުރިން ފަރުވާ ދީފައެވެ. އަދި ދުވަސްތަކަކަށްފަހު އެކުއްޖާގެ ހާލަތަށް ބަދަލެއް ނައުމުން ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published.