135 ބަންގްލަދޭޝް މީހަކު މިއަދުވެސް އަނބުރާ ގައުމަށް ފުރުވާލައިފި

މިއަދު އެނބުރި ގައުމަށް ފުރުވާލި ބަންގްލަދޭޝް މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 135 މީހަކު މިއަދު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ.
ދާދިފަހުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ބޮޑު ވެފައިވާ ބިދޭސީންގެ މައްސަލައަކީ ދިވެހި ތާރީހު ދުށް އެންމެ ހަޑި މުޑުދާރު އަމަލު ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތަށްވުރެ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށެވެ.

“އިންސާނުންތަކެއް ވިއްކައިގެން ރާއްޖޭގައި ކޮށްފައި އޮތް މިހާ ހަޑިމުޑުދާރު ކަމެއް އަޅުގަނޑަކަށް ހަމަގައިމުވެސް، އަޅުގަނޑުގެ އުމުރުގައި ފެނިފައި އޮތް ކަމެއް ނޫން މީ. އެމްއެމްޕީއާރްސީގެ މައްސަލައަކީ އަދި މުޑުދާރު މައްސަލައެއް ނޫން މި މައްސަލައާ ބަލާއިރު،” ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދިވެއްސެއްގެ ހައިސިއްޔަތުން މިއަދު ބިދޭސީންނާއި މެދު ބަޔަކު މީހުން ކަން ކޮށްފައި އޮތް ގޮތުން ލަދުވެތިވާ ކަމަށެވެ. އެމީހުންގެ ނާޖާއިޒް ފައިދާ ހޯދުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށާއި އިގްތިސޯދަށާއި އަދި އިޖްތިމާއީ ފޭރާމަށް ވެސް ނުރައްކާތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *