އިންސާނީ ވަގުފާރިއަކީ ޒަމާނީ އަތުޅުވެރިކަން: ހުތުބާ

އިސްލާމީ މަރުކަޒުގައި މީގެކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންއަކީ ޒަމާނީ އަަޅުވެރިކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ވެސް "އިންސާނީ ވަގުފާރި - ޒަމާނީ އަޅުވެތިކަން" މިއެވެ. އެ މައުޟޫގެ ދަށުން މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ރާއްޖެއަށް މަސައްކަތް ކުރުމަށް ގެންނަ މީހުންނަށް ކާންބޯން ދިނުމާއި ނިދުމާއި ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައި ދޭންވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ އިންސާނީ ހައްގުތަކުގެ މަތިން ހަނދާން ކުރުމަށް ގޮވާލާފައިވެއެވެ.

ރިވެތި ގޮތުގައި އެމީހުންނަށް މުއާމަލާތްކޮށް އެމީހުންނަށް މުސާރަ ދިނުމަކީ ވެސް އެ މީހުން ގެންނަ ބައެއްގެ ޒިންމާއެއްކަން ހަނދާން ކޮށްދީ ހުކުރު ހުތުބާގައި ބުނެފައި ވަނީ ވަޒީފާތަކަށް ގެންނަ މީހުންގެ ވިސާގެ ކަންކަން ހަމަޖައްސައިދީ ވޯކްޕާމިޓު ހަމަޖައްސައި ދިނުމަކީ އެމީހުން ގެންނަ ބައެއްގެ ޒިންމާއެއް ކަމަށެވެ. އެ އަސާސީ ހައްގުތައް އަދާ ކުރުމަކީ ދީނީ އަދި ދުނިޔަވީ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީހުން ލައްވާ މަސައްކަތް ކުރުވާ މީހުންނާއި ގުޅޭ ގޮތުން ރަސޫލާގެ ހަދީސްތަކާއި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ އާޔަތްތައް ވަނީ މި ހުތުބާގައި ހިއްސާކޮށްފައެވެ.

"އުޖޫރައަށް މަސައްކަތް ކުރުވާ މީހާއަށް އޭނާގެ ގައިން ދާ ހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދޭ ހުށިކަމެވެ،" މިއަދުގެ ހުކުރު ހުތުބާގައި މި ހަދީސް ވަނީ އިއްވާފައެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމީ އަހުލާގިއްޔަތާއި އިންސާނީ ކަރާމާތް މަނާކުރާ ކަންކަމުގެ ތެރޭގައި އިންސާނީ ވަގުފާރީ ވެސް ހިމެނޭ ކަމަށެވެ. އޭގެތެރޭގައި އިންސާނުން ވަގަށް ނެގުމާއި އަޅުންގެ ގޮތުގައި މިނިވަން އިންސާނުން ލައްވާ މަސައްކަތް ކުރުވުން ހިމެނޭ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

"އަދި ހަށިވިއްކުމުގެ ހަރާމް ވިޔަފާރި އާއި ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމާއި މީހުން ލައްވާ މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދިނުން ފަދަ ލާއިންސާނީ އަމަލުތައް ހިމެނެއެވެ،" ހުތުބާގައިވެއެވެ.

ހުތުބާގައި ބުނީ އެފަދަ އަމަލުތަކަށް ކިޔަނީ "ޒަމާނީ އަޅުވެތިކަން" ކަމަށެވެ.

ހަށިވިއްކުމުގެ ކަސްބީ ބާޒާރަށް ކޮންމެ ދުވަހެއްގައިވެސް އެތަކެއް އަންހެނުންނާއި ކުޑަކުދިންނެއް ނެރޭކަން ފާހަގަކޮށް ހުތުބާގައި ބުނީ ކުޑަކުދިން ލައްވާ ހޮޓާތަކާއި ފިހާރަތަކާއި ކާރުހާނާތަކުގައި އަދި ގޭގޭގައި ވަރަށް ކުޑަ އުޖޫރަ އަށް މަސައްކަތް ކުރުވާ ކަމަށެވެ.

"އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު މިވަނީ އިޖުތިމާއީ ބޮޑެތި މުސީބާތްތަކާއި ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އެތައް އިންސާނުނެއް މިއަދު ވަނީ އަނިޔާ ލިބި އަބާއްޖަވެރިވެފައެވެ،" ހުތުބާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *