އެއްވެ އުޅުން ހަނިކުރާ އިސްލާހު ބާތިލް ނުކުރާތީ އެމްއާރްއެމް އިން މަޖިލީހަށް ފާޑުކިޔައިފި

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ޖަލްސާއެއްގައި --

ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހެންވޭރުގައި އޮންނަ ކާނިވާ ސަރަހައްދަށް އެކަނި ކަމަށް ކަނޑައަޅައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލު ނުކުރާތީ ސަރުކާރު ކޯލިޝަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ފާޑު ކިޔައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔާ އެމްއާރްއެމް އިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ އެ އިސްލާހަކީ އެމްއާރްއެމް އިން ގަބޫލުކުރާ އުސޫލުތަކާއި ހިލާފު އަދި ގާނޫނުއަސާސީ އާއި ތައާރަޒުވާ އިސްލާހެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެމްއާރްއެމް އިން ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާކަން ފާހަފަކޮށްފައެވެ.

އޭގެތެރެއިން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް އެމްއާރްއެމް އިން ބުންޏެވެ. ނަމަވެސް އެ އިސްލާހު ހޯމް މިނިސްޓްރީން ހަނި ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

އެގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން ދަނީ، ގާނޫނުތައް ހެދުމާއި، ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ގާނޫނު އަސާސީ އިން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށް އެމްއާރުއެމުން ބުންޏެވެ. އެމްއާރްއެމް އިން ވަނީ ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނުތައް އަވަހަށް އިސްލާހު ކުރުމަށް މަޖިލީހަށް ގޮވާލާފައެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *