އަލީ ވަހީދުގެ ބަޔާނެއް ނަގަން ނުފެންނާތީ އަދި ނުނަގަން: ފުލުހުން

ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ގިނަ ހަރަދުތަކެއް ކުރިއިރު އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު: ފޮޓޯ / ރައީސް އޮފީސް

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިގެން މަގާމުން ވަކި ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އަލީ ވަހީދުގެ ބަޔާން ނަގާފައި ނުވަނީ އެކަން ކުރަން އަދި ފުލުހުންނަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން  ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، މިއީ މައްސަލައިގެ ތަހުގީގުގެ ތަންކޮޅެއް ކުރީކޮޅު ކަމުން އިތުރު މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަލީ ވަހީދުގެ ބަޔާނެއް އަދި ނަގާފައި ނުވާ ކަމަށެވެ. ބަޔާން ނަގާފައި ނުވަނީ އަދި އެކަން ކުރަން ފުލުހުންނަށް ނުފެންނާތީ ކަމަށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާނެ ކަމަށާއި އެކަން ކޮށްފައި ވަނީ ތަހުގީގަށް ސުވާލު ކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރަން ފަސޭހައަކަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ގެ ބަލައި ފާސްކުރުމަށްފަހު، ފުލުހުން ވަނީ ފޯނާއި ލެޕްޓޮޕް ތަހުގީގަށް ގެންގޮސްފައެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލައަކީ ތަހުގީގުގެ ވަރަށް ކުރީކޮޅުގައި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *