ހިޔާ ފްލެޓުތަކުގެ އަގާ ގުޅޭ ގޮތުން ކުރީގެ މިނިސްޓަރާއި މިހާރުގެ މިނިސްޓަރުގެ ހޫނު ބަހުސެއް!

(ކ-ވ) ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އަދި މިހާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ހިޔާ ފްލެޓުތަކުގެ އަގާއި ގުޅޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ދެބޭފުޅުންގެ ދެމެދުގައި ހޫނު ބަހެއް ހިނގައިފިއެވެ.

ޑރ. މުއިއްޒު މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރު ކުރައްވާފައެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކާ ގުޅޭ މައުލޫމާތު ހޯދުމަށެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކުރީގެ ވަޒީރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި ވާނީ ފްލެޓުތަކުގެ މަސައްކަތުގެ ފިނިޝިން ނިންމުމަށްފަހު އެ ފްލެޓުތައް ހައްގުވެރިންނާއި ހަވާލު ކުރުމަށެވެ. އެކަން ބަދަލުކޮށްފައި ވަނީ މި ސަރުކާރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފްލެޓުތަކުގެ ރީޕޭމަންޓު ޕީރިއަޑު 13 އަހަރަށް ލާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހުޅުމާލޭގައި 704 ފްލެޓޭ ކިޔާ ތަންތަނުގެ ކޮޓަރިތަކުގެ ސައިޒު ހުންނާނެ ވަރުވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަތައް ދޮގު ކުރައްވާ މިހާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ 62،000 ޑޮލަރަށް ފްލެޓެއްގެ ރޭޓުން މަސައްކަތް ޗައިނާގެ ސްޓޭޓާ ހަވާލުކުރީ ފިނިޝިން ނުނިންމައި ހަވާލުކުރާ ގޮތަށް ކަމަށެވެ. މުއިއްޒު ވިދާޅުވާ 5،600 ރުފިޔާ އަށް އެ ފްލެޓުތައް ދޫ ނުކުރެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ އެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އަގު ހެޔޮކޮށް އެ މަސައްކަތް ކުރެވެން އޮއްވާ އަގު ބޮޑުކޮށް ކަމަށެވެ. އެގޮތުން އަސްލަމް ވަނީ ފްލެޓެއް 52،000 ޑޮލަރަށް އަޅަން ކުންފުނިތަކެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *