އެއްވެއުޅުން ހަނިކުރާ އިސްލާހު އުވާނުލާތީ މައުމޫންވެސް ކަންބޮޑުވެއްޖެ

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ޖަލްސާއެއްގައި --

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް މިނިވަންކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ރޭ އެމްއާރްއެމް އިން ވަނީ އެޕާޓީގެ އެކްސްކޯގެ ބައްދަލުވުމެއް އޮންލައިންކޮށް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮންނަތާ އަހަރެއްވެފައި ވާތީ އެކްސްކޯގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ކުރިން ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި އެއްވެވޭ ގޮތަށް އޮތް ގާނޫނީ މާއްދާއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އަސާސީއާ ހިލާފު މާއްދާއެކެވެ. މައުމޫން ވަނީ މަޖިލީހުން އެކަމާ އަޅާ ނުލަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ރޭ ބާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. ބާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޯމް މިނިސްޓްރީން އޯގަސްޓް، 31، 2016 ގައި ކޮށްފައިިވާ އިއުލާން ތަކުރާރުކޮށް، ޖުލައި، 14، 2020 ގައި އާންމުކޮށްފައިވާ އިއުލާން ބާތިލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމަަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބާ ކައުންސިލުން ގޮވާލާފައިވާއިރު އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނީ އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24ވަނަ މާއްދާގެ (ޅ) ގެ ދަށުން ނެރެފައިިވާ އިއުލާނަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި ހިލާފު އެކަށައެޅުންތަކެއް ކަމަށެވެ.

އެކަމުގެ ކަންބޮޑުވުންފާޅުކޮށް ޓްރާންސްޕޭރެންސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހޯމް މިނިސްޓްރީން އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށް 2016ވަނަ އަހަރު ކޮށްފައިވާ އިއުލާން ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި މިނިންމުން ވަގުތުން އުވާލައި، ގާނޫނުއަސާސީގައިވާ ސަރީހަ އިބާރާތާއި އެއްގޮތަށް، ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *