ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން އިންސާފުވެރިކޮށް މައްސަލަތައް ނުބެލެވޭނެ: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ މީހުން ތިބެގެން އެތަނަށް ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކޮށް ބެލޭނެ ކަމަށް ރައްޔިތުން ނުދެކޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީގެ މަގާމުތަކުގައި ތިބި ސިޔާސީ މީހުން ބަދަލުނުކޮށް އިންސާފުވެރިކަމާއި އެކު މައްސަލަތައް ނުބެލޭނެ ކަަމަށް ރައްޔިތުން ދެކޭ ކަމަށެވެ.

ފަނޑިޔާރުގެ ރަނގަޅުކުރެވޭނީ ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްގެން ކަމަށާއި އެކަން ނުކުރެވޭނީ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލްގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާޒީ އިސްމާއިލްގެ މައްސަލަ ބަލަން ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކޮމިޓީން އެކުލަވާލާފައިވާ ކަމަށާއި އެގޮތުން އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލު ކުރި މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

“ފަނޑިޔާރުންގެ ޤާނުނާއި ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލުމަށެވެ،” އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތައް ބާތިލު ކުރުމަށް ގާޒީ އިސްމާއިލް ކުރެއްވި ހުކުމާމެދު ކަންބޮޑުވުންފާޅު ކުރައްވައި ކުރައްވައި ޕީޖީ ޝަމީމް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ އެ ހުކުމަކީ “ހަމަނުޖެހޭ” ހުކުމެއް ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތުގައި އެކަމެއްގެ ވާހަކަ ނުދެކެވެނީސް، ގާޒީއަށް އެނގޭ މައުލުމާތުތަކެއްގެ މައްޗަށް ހުކުމް ކުރަންވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. “ހެއްވާ ގޮތަކަށް” ކުރެއްވި ހުކުމާ ގުޅިގެން ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ދައުވާތައް ބާތިލު ކުރި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *