ރެހެނދި ސްކޫލުގެ ދެ ދަރިވަރަކާއި ދެ ޓީޗަރަކަށް ކޮވިޑް ޖެހިއްޖެ

ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ ރެހެނދި ސްކޫލު --

ހުޅުމާލޭގައި ހުންނަ ރެހެނދި ސްކޫލުގެ ދެ ދަރިވަރަކާއި އެ ސްކޫލުގައި ކިޔަވާ ދެމުން އަންނަ ޓީޗަރަކަށް ކޮވިޑް19 ޖެހިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ރެހެނދި ސްކޫލުގެ ދެ ދަރިވަރުންނާއި ޓީޗަރަށް ކޮވިޑް ޖެހުނުކަން އެނގުނީ މިދިޔަ ހުކުރު ދުވަހުއެވެ. ދެ ދަރިވަރުންނަކީ ދަށް ގްރޭޑްތަކުގެ ދެ ކުދިންނެވެ. އެހެންކަމުން އެ ދެކުދިން އަދި ސްކޫލަށް ދާކަށް ނުފަށައެވެ. މާލޭގެ ސްކޫލުތައް ހުޅުވާލި ނަމަވެސް ކިޔެވުން ފަށާފައި ވަނީ ގްރޭޑު 9 އިން މަތީގެ ދަރިވަރުންގެއެވެ.

މީގެއިތުރުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ޓީޗަރަކީ ވެސް ޕްރީ ސްކޫލު ޓީޗަރެކެވެ. އެހެންކަމުން ޕްރީ ސްކޫލުގެ ކިޔެވުން ނުފަށާތީ އެ ޓީޗަރު ވެސް އެއްވެސް ގޮތަކަށް ސްކޫލަކަށް ނުދެއެވެ. ދެވަނަ އަށް ޕޮޒިޓިވްވި ޓީޗަރީ އެ ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވާ ދޭ ޓީޗަރެކެވެ. ނަމަވެސް އެ ގްރޭޑުގެ ކިޔެވުން ނުފެށޭތީ އެ ޓީޗަރުވެސް ސްކޫލަކަށް ނުދެއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔެވުން މެދުކަނޑާލީ މިދިޔަ މާޗު މަހުއެވެ. އަދި އަލުން ކިޔެވުން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އިއްޔެވެސް ރާއްޖެއިން 30 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. ބާކީ މީހާއަކީ ބަންގްލަދޭޝް ރައްޔިތެކެވެ. ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،931 އަށް އަރައިފައެވެ. މިވަގުތު ރާއްޖެއިން 2،321 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *