ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަހަރަކު ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ބިރުދެއްކުން: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް: ފޮޓޯ / މަޖިލިސް

ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ހުކުމެއް ކުރާ ކޮންމެ ފަހަރަކު ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ފަނޑިޔާރުންނަށް ބިރު ދެއްކުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި މައްސަލަ އާއި ގުޅިގެންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއީލް ރަޝީދު ބޭރު ކޮށްލާފައި ވަނީ ގާނޫނުތަކާއި އިޖުރާއަތްތަކާއި މުޅިން ހިލާފަށް ކަމަށެވެ.

އެކަން ފަނޑިޔާރު ނިންމާފައި ވަނީ މައްސަލަ ރައްދުވާ އަހުމަދު އަދީބާއި އަދި އަދީބުގެ މައްޗަށް ދައުވާތައް އުފުލާފައިވާ ދައުލަތުގެ އެއްވެސް ބަހެއް ހޯދުމަކާއި ނުލާކަން ހަސަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހަސަން ވަނީ ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއް ގާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް ކޯޓުން ބޭރު ބޭރުކޮށްލުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށާއި، ކޯޓުން ބޭރުކޮށްލި މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ވެސް މި މައްސަލައިގައި ދައުލަތަށް ވަނީ ގޮވާލާފައެވެ.

އެކަމަށް ފާޑު ވިދާޅުވެ އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ނުވަތަ މަޖިލީހުން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށްބުނެ ބިރުދެއްކުމަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން ކަމަށެވެ.

"ހުކުމަކާމެދު ހިތްހަމަނުޖެހޭނަމަ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އެބައޮތް" ކަމަށް ކުރީގެ ޑެޕިއުޓީ އޭޖީ އުޝާމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް މިހާރު ވަނީ ނިންމާފައެވެ. ގާޒީ އިސްމާއިލްގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމެވެ. މީގެއިތުރުން ޕީޖީން ވަނީ އެ މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *