ކޮރަޕްޝަން ހިންގި މީހުންނަށް އަދަބު ދިނުމަކީ އަނިޔާވެރިވުމެއް ނޫން: ވިސާމް

ގަމު ދާއިރާގެ މެމްބަރު ވިސާމް: ތަހުގީގު ފުރިހަމަކޮށް ހިންގޭނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްގެން ކަމަށް ވިދާޅުވި-- ފޮޓޯ/ މަޖިލިސް

ކޮރަޕްޝަންގެ އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަކީ އަނިޔާވެރިވުމެއް ނޫން ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި މީހުންނާއި ރައީސް ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް، ތަހުގީގު ހިންގައި ހެކި ހޯދަން ޖެހޭ ކަމަށެވެ. ކޮރަޕްޝަން ހިންގި މީހުން މިނިވަންކަމާއެކު ސިޔާސި ހަރަކާތް ހިންގައި، މުޖުތަމައުގައި އުޅޭހާ ހިނދަކު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ އެ މީހުން ދޫވެފައި ތިބޭނަމަ، މައްސަލައާ ގުޅޭ ހެކި ނައްތާލާނެ ކަމަށެވެ.

"މިއަދު އަބްދުއްރަހީމަށް ތުހުމަތު ކުރެވެެންޏާ ހައްޔަރު ކުރަންވީ، ނުވަތަ މި މަޖިލީހުގެ މީހަކަށް ވެސް ތުހުމަތު ކުރެވެންޏާ ހައްޔަރު ކުރަންވީ. ނުވަތަ އެ ނޫން ވެސް ބޭފުޅަކަށް ތުހުމަތު ކުރެވެންޏާ ހައްޔަރު ކުރަންވީ. ހައްޔަރުކޮށްގެން މި ކަންތައް ބެލޭނީ،" މަޖިލީހުގައި ހުންނެވި އެންމެ ޒުވާން މެމްބަރު ވިސާމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ހަދާދައިވާ "ލިސްޓު" ފުލުހުންނާ ހިއްސާކުރަން ވިސާމް ވަނީ ގޮވާލައްވާފައެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރު ކުރަންޖެހޭ ކަމަށާއި އެހެން ނޫންނަމަ، އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ތަހުގީގު ނުހިންގޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭއިންސާފާއި އަނިޔާވެރިކަމާއި ކޮރަޕްޝަން ހިންގި މީހުންނަށް އެކަމުގެ ހައްގު އަދަބު ދިނުމަކީ އަނިޔާވެރިވުމެއް ނޫން،" ވިސާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *