އަދީބަށް ކުރި ދައުވާތައް ބާތިލު ކުރި ގާޒީގެ މައްސަލަ ޖޭއެސްސީން ބަލައިގެންފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު: އަދީބަށް ކުރި ދައުވާތައް ބާތިލު ކުރެއްވި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފިއެވެ.

ގާޒީ އިސްމާއިލްގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާޒީ އިސްމާއިލްގެ މައްސަލަ ބަލަން ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކޮމިޓީން އެކުލަވާލާފައިވާ ކަމަށާއި އެގޮތުން އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލު ކުރި މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

"ފަނޑިޔާރުންގެ ޤާނުނާއި ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލުމަށެވެ،" އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތައް ބާތިލު ކުރުމަށް ގާޒީ އިސްމާއިލް ކުރެއްވި ހުކުމާމެދު ކަންބޮޑުވުންފާޅު ކުރައްވައި ކުރައްވައި ޕީޖީ ޝަމީމް އިއްޔެ ވިދާޅުވެފައި ވަނީ އެ ހުކުމަކީ “ހަމަނުޖެހޭ” ހުކުމެއް ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތުގައި އެކަމެއްގެ ވާހަކަ ނުދެކެވެނީސް، ގާޒީއަށް އެނގޭ މައުލުމާތުތަކެއްގެ މައްޗަށް ހުކުމް ކުރަންވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. “ހެއްވާ ގޮތަކަށް” ކުރެއްވި ހުކުމާ ގުޅިގެން ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ދައުވާތައް ބާތިލު ކުރި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *