ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހައްލު ނުކޮށް ހަމަޖެހިލެވޭކަށް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހައްލު ނުކޮށް މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުމުގެ ގޮތުން ރައީސް ސޯލިހު މިއަދު ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ ގެވެށި އަނިޔާއަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމައުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. އެއީ އާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ގިނަ މީހުންނަކީ އަންހެނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަނިޔާ ލިބޭ އަންހެނުންގެ އަދަދު ގިނަވުމަކީ، މުޅި މުޖުތަމައަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި  ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ، ފަނާކުރަނިވި މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލައަކީ މުޖުތަމައުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބުވެސް ކަމަށެވެ.

"އެހެންނަމަވެސް، މި މައްސަލަ ހައްލުކުރުމުގައި އަޅުގަނޑުމެންގެ މުޅި ދައުލަތް، ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި. މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި، މިކަން ހައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް." ރައީސް ވިދާޅުވިއެވެ.

މުޖުތަމައަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން އިސްނަގައިގެން މިއަދު މި ފަށާ މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި އެ ކެމްޕެއިންގެ މަގުސަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީށް ވިދާޅުވިއެވެ. މި ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ގައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދު ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *