ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓު މާލްދީފް ލޯންޗުކޮށްފި

މާލްދީފް ވެބްސައިޓުގެ ޕޯސްޓަރެއް --

‎ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓު މާލްދީފް ޑޮޓް ކޮމް ލޯންޗުކޮށްފިއެވެ.

މާލްދީފް ގްރޫޕުން ތައްޔާރުކޮށްފައިވާ އެ ވެބްސައިޓު ލޯންޗު ކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެ ގުރޫޕްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ވެބްސައިޓު ލޯންޗު ކޮށްދެއްވާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މާލްދީފް.ކޮމް ވެބްސައިޓާއިއެކު ދިވެހިރާއްޖޭގެ ވާހަކަތައް ޢަރަބި ބަހުން ޢަރަބި ދުނިޔެއަށް ގެނެސްދެވޭނެ ކަމަށެވެ.

‎މިވެބްސައިޓް ލޯންޗްކުރުމަށް މިއަދު މާލްދީފްގެ ފޭސްބުކް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވްއެއްގައި އަރަބިބަހުން ޑރ ޝަހީމް ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލް މީޑިއާގެ އެންމެހާ އެހެނިހެން ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއް ކަމަށާއި އެ ޕްލެޓްފޯމްތައް ހުޅުވިގެން ދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

‎ޢަރަބި ބަހަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ކަމަށާއި ޤައުމުތަކުގެ ނިސްބަތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ބަސްކަމަށާއި ގާތް ގަނޑަކަށް ފައްސަތޭކަ މިލިއަން މީހުން ޢަރަބި ބަހުން ވާހަކަ ދައްކާ އުޅޭކަން ފާހަގަ ކުރަމުން ޑރ. ޝަހީމް ވިދާޅުވީ ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމަކީ ޢަރަބީން ލޯބިކުރާ ސިފައެއް ކަމަށެވެ. އަދި އެއީ ޢަރަބީންގެ އެންމެ ޤަދީމީ ސިފަވެސް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"‎ތާރީޚީ ގޮތުން ބަލާއިރު ޢަރަބީނަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުނު ބައެއް، ޢަރަބީން ދަތުރުފަތުރުކޮށް އުޅުނީ ލޯތްބާއި ޞުލްޙަވެރިކަމާއި ޢިލްމާއި ފިކުރު ފަތުރައި އަނެކާއަށް ހެޔޮ ފޯރުކޮށްދިނުމަށް، އަދި ޘަޤާފަތާއި ޙަޟާރަތާއި ބިންމަތީގައި ޤާއިމު ކުރުމަށް،" ޝަހީމް ވިދާޅުވިއެވެ.

https://web.facebook.com/watch/?v=2392405567735947

"ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް، މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް، ޢަރަބި ލިޔުންތެރިން ފާހަގަކޮށްފައިވާގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް، އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން،" ޝަހީމް ވިދާޅުވިއެވެ.

ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ. ‎މިއީ ތާރީޚުގައި މިގޮތައް މިކަން ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަމުން ޑރ ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ‎މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުން ކަމަށެވެ.

ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚައި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމަކީ މި ވެބްސައިޓުގެ މަގުސަދެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ އަރަބިން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް ދިވެހިރާއްޖެވުން ކަމުގައި ފާހަގަ ކުރެއްވިއެވެ.

"އެކުވެރި ޢަރަބީންނޭ! ތިޔަބޭފުޅުންނަށް ރާއްޖެ އެބަ ބެނުންވޭ، ރާއްޖޭގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޓޫރިޒަމްގެ ޞިނާޢަތުގެ މައްޗަށް، ނަމަވެސް ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ޞިނާޢަތަށް ގެއްލުންވެ ރާއްޖޭގެ އިޤުތިޞާދަށް މިވަނީ ގެއްލުންވެފަ، ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގެ ރައްޔިތުން ޢަޒުމް ކަނޑައެޅީ ރާއްޖެ އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިޤުތިޞާދު ބިނާކުރުން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މާލްދީފް ގުރޫޕްއިން މި ޕްލެޓްފޯމްތައް އިފްތިތާޙުކުރީ މިކަމުގެ ސަބަބުން ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން ޤައުމަށް އެހީވުމަށެވެ. މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

‎ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާ ޢަރަބި ބަހުން ލިޔެފައިވުމުން މިކަން ވެގެންދާނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެޅޭ ބާރަކަށްކަމުގައި ޔަޤީނެވެ.

‎މިވެބްސައިޓް ފެށިގެންދާއިރު މިހާރުވެސް ފޭސްބުކް، ޓްވިޓާރ އަދި އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ޢަރަބި އެތައް ފޮލޯވާރސް އިން ފޮލޯ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މާލްދީފް.ކޮމް ހިންގަމުން އަންނާނީ މާލްދީފް ގްރޫޕްއިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *