ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުން 50 ޕަސެންޓު ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

އައްޑޫ އާއި ހދ. ކުޅުދުފުއްށީގެ ގާއިމް ކޮށްފައިވާ ސަރަހައްދީ ބަނދަރަށް ގެންނަ ބައެއް މުދަލުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް މަޖިލީހަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. މި ބިލު އެންމެ ފުރަތަމަ ދިރާސާ ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. އަދި އެއަށްފަހު މެންބަރުންނަށް އިސްލާހުތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ފަހު ބިލު ފާސްކުރީ މެންބަރުން ހުށަހަޅާފައިވާ އިސްލާހުތަކާއި އެކުގައެވެ.

މާލޭ ސަރަހައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީ ތެރެއިން އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ހަަތްވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެއްޗަށް 50 ޕަސެންޓް މާފު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

އޭގެތެރެއިން އިސްތިސްނާވާ ތަކެއްޗަކީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕް ކުރުމަށް ބޭނުންވާ އާލާތްތަކާއި އޭގެ ބައިތަކެވެ. ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތަަކާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައްވެސް ހިމެނެއެވެ.

ފަންސާސް ޕަސެންޓު ޑިއުޓީ ކަނޑާލާއިރު އެ ސަރަހައްދެއްގެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ އެ ސަރަހެއްދެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ވާން ޖެހެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *