އަދީބަށް އުފުލި ދައުވާތައް ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު --

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ގާޒީ ކުރެއްވި ހުކުމަކީ “ހަމަނުޖެހޭ” ހުކުމެއް ކަމަށް ވިދާޅުވެ، ޝަމީމް ވިދާޅުވީ ޝަރީއަތުގައި އެކަމެއްގެ ވާހަކަ ނުދެކެވެނީސް، ގާޒީއަށް އެނގޭ މައުލުމާތުތަކެއްގެ މައްޗަށް ހުކުމް ކުރަންވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. “ހެއްވާ ގޮތަކަށް” ކުރެއްވި ހުކުމާ ގުޅިގެން ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާޒީގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާގެ ނިންމުން ބާތިލު ކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެގެން ކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ގާޒީ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދީބާއި އެކުގައި އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ. އެ ދައުވާތައް ބާތިލް ކުރުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި އަދީބު އެއްކޮށް މިނިވަންވީއެވެ.

އެކަމާއި ގުޅިގެން ޕީޖީ އޮފީހުގައި އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށްފައި ވަނީ މައްސަލަ ބެއްލެވި ގާޒީ އަށް ފެނިވަޑައިގެންނެވި ގޮތަށް ކަމަށާއި އެ މައްސަލާގައި އަދީބުގެ ފަރާތުން އެއްވެސް އެއްޗެއް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އެގޮތުން އިސްތިއުނާފުގެ ލިޔެކިއުންތައް މާދަމާ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގަޒިއްޔާގައި އަދީބު ނުދައްކާ ވާހަކަތަކާއި، ޕީޖީ ހުށައަޅަފައިނުވާ ކަންކަންވެސް ހިމަނުއްވާފައިވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމެވެމުމަށް ޕީޖީވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިއްވާފައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެފަދަ އެއްބަސްވުމެއް ބާތިލުކުރަން ނިންމުމުގެ ކުރިން ޕީޖީ އަލުން ތަހުގީގުކުރަން ބޭނުންތޯ ސުވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި ގޮތެއް ކަނޑައެޅިއިރު ޕީޖީގެ ގާތުގައި އެއްވެސް އެއްޗެއް އަހާފައި ނުވާއިރު މައްސަލަ ރައްދުވާ ފަރާތުގެ އަރިހުގައި ވެސް އެއްވެސް އެއްޗެއް މައްސަލަ ބެއްލެވި ގާޒީ އައްސަވާފައި ނުވާ ކަމަށް ވިދާޅު ޝަމީމް ވަނި ތަކުރާރުކޮށް މައްސަލަ ބެއްލެވި ގާޒީ އަށް ފާޑު ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *