ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށްފަހު އެމަނުކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދިނުމުން މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވަނީ ޔާމީނަށް ހުކުމް އިއްވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްފައި ވަނިކޮށް، އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން އަދީބަށް ބިރު ދައްކައި، މަޖުބޫރު ކުރުވައިގެން އެއްބަސްވުމެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކުން ހާމަވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ކުއްލި މައްސަލައިގައި ވަނީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އާއި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް، އަދީބުގެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އަދީބުގެ މައްސަލަ ބާތިލް ކުރި ގަޒިއްޔާ އިން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އެހެންވެ، ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ނުފޫޒު ފޯރުވައި، ހެކި އުފައްދައިގެން ކުރި ބާތިލް ހުކުމެއް ކަމަށް ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ޔާމީންގެ މައްޗަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިއާޔަތްކޮށްފައިވާތީ، ޔާމީންގެ މައްޗަށް ކުރި ދައުވާއަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއް ކަމަށް ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޔާމީން ޖަލުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ނިންމައި، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *