ހައިލަމް ޕީޖީ އަށް: 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާ ބަދަލުކުރީ ކީއްވެ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް-

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާ އަށް އެ އަދަދު ތިރި ކުރީ ކީއްވެގެންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ސުވާލު ކުރައްވައިފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާވެސް މިއަދު ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި އެކު މިއަދު ހަވީރު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް މިހާރުވެސް 150 އަށްވުރެ ގިނަ ދައުވާ އުފެލެން ވާވަރުގެ ހެކި އެބަހުރި ކަމަށެވެ. އެ ދައުވާތައް ދައުލަތުން އަދީބުގެ މައްޗަށް އުފުލައިފި ކަމަށްވާ ނަމަ އޭނާގެ މައްޗަށް 806 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފް އެއްބަސްވުމާ ނުލައިވެސް 150ވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ،”

ޕީޖީ އެފަދައިން ވިދާޅުވުމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި މިއަދު ވަނީ އެއްބަސްވުމަކާއި ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ. ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތު ކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ 7 ދައުވާއަށް ބަދަލުކުރީ ކީއްވެތޯ ވެސް ހައިލަމް ވަނީ ސުވާލު އުފައްދާފައެވެ.

ކްރިމިނަލް ކޯޓުން މިއަދު އަދީބުގެ މައްސަލަ ބޭރު ކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ދައުލަތުން ހުއްޓުމަކަށް ނާންނާނެ ކަމަށާއި އެ މައްސަލާގައި ކުރިޔަށް ދާން ދައުލަތުން އޮތީ ތައްޔާރަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. ކޯޓުން އަދީބުގެ މައްސަލަތައް ބޭރުކޮށްލީ ޕީޖީން ހުސަހެޅި 700އަށްވުރެ ގިނަ ސޮފްހާގެ ހެކިތަކަށް އެއްވެސް ބެލުމެއް ނެތި ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެގެން ކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ގާޒީ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދީބާއި އެކުގައި އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އިއުތިރާފްގެ އެއްބަސްވުމުގައި ސޮއި ކުރުވުމުގެ ކުރިން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް ދައުލަތުން އަދީބާ އެކު ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހެދުމުގެ ބާރު ޖިނާއީ އިޖްރާއާތުގެ ގާނޫނުން ދަށުން ދައުލަތަށް ނުލިބޭ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *