އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދުމުގެ މަސައްކަތް ދަނީ ކުރަމުން: ޕީޖީ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ---

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލް ކުރުމުން އޭނާ މިނިވަންވެފައި ވާއިރު އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަދީބަކީ މީގެކުރިންވެސް ފިލުމަށް މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ އެފަދަ ރެކޯޑެއް އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެން ކަމުން ހައި ކޯޓުން މީގެ ކުރިން އެފަދަ މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށް އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ދެކޭކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދިބު ފުރުން މަނާ ކުރުުމުގެ އަމުރަށް އެދުމުގެ މަސައްކަތް މިހާރު ޕީޖީ އޮފީހުން ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ކޯޓުގައި އެ އަމުރު ނެެރެދިނުމަށް ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ފުލުހުނަށް ދަންވާފައި ވަނީ ފުރުން މަނާ ކުރުމުގެ އަމުރެއް ހޯދަން/ މިއަދު އަޅުގަނޑުމެން އެޕީލް އެބަ ކުރަން. އެޕީލް ކުރުމާ ގުޅިގެން ފުރުން މަނާ ކުރުމުގެ އަމުރަކަށް އެ ޕްރޮސެސް އެބަ ހިނގާ. އަޅުގަނޑު ހިތުން މާ ގިނަ އިރު ނުވެ އަޅުގަނޑުމެންނަށް އެ އަމުރު ލިބިގެންދާނެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް މިއަދު ކްރިމިނަލް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އަދި އެ ދައުވާތައް ބާތިލް ކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ. ނަމަވެސް ޕީޖީ ޝަމީމް ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *