ދައުވާތައް ބާތިލްކޮށް ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތުން އެނގިގެން ދިޔައީ ރައީސް ޔާމީން ވެސް ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތުގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ވެސް ވަނީ ބާތިލްކޮށްފައެވެ. އަދި އެ ދައުވާތައް ބާތިލް ކުރުމާއި އެކުގައި އޭނާ ވަނީ މިނިވަންވެފައެވެ. އަދުރޭ ވިދާޅުވީ މިއަދު އެނގިގެން ދިޔައީ ރައީސް ޔާމީންގެ މައްޗަށް ވެސް އުފުލާފައިވާ ދައުވާތަކަކީ އަދި އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ސައްހަކޮށް ނޫން ކަމަށެވެ.

"މިއަދު ނިމިގެންދިޔަ މައްސަލައިން ވަރަށް ގިނަ ކަންތައްތަކެއް ސާބިތުވެގެން ހިނގައްޖެ. ސާބިތުވި އެންމެ މުހިއްމު ކަމަކީ ޔާމީނަށް މި ސަރުކާރުން ފްރޭމްކޮށްގެން ވަރަށް ބޮޑެތި އަނިޔާތަކެއް ބޭއިންސާފުން ދެމުގެންދާކަން" އަދުރޭ ވިދާޅުވިއެވެ.

ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން ޔާމީން ސިޔާސީ މަސްރަހުން ގެއްލުވާލުމަށް އަނިޔާކުރަމުންދާ ކަމަށް ވިދާޅުވާ ވާހަކައަށް ޝަރުއީ ނިޒާމުގެ ތެރެއިން މިއަދު ޖަވާބު ލިބިގެން ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *