އެއްވެއުޅުން ހަނިކުރުމުން އަލީ ހުސައިން ސަރުކާރަށް ފާޑު ވިދާޅުވެއްޖެ

މީގެކުރިން ބޭއްވި އެއްވުމެއްގައި އަލީ ހުސައިން ބައިވެރިވަނީ: ފޮޓޯ / މިހާރު

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް މިނިވަންކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާތީ ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހުސައިން ފާޑު ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅިގެން މާލޭގައި އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން އެހެން ބުނުމުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *