ފުލިދޫ ގިރާތީވެ ފަޒުލް ހުށަހެޅި ގަރާރު ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ ފުލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލސް

ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ރަށް ހިމެނާ ފެލިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ފަޒުލް ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ގަރާރު ބަލައިގަތުމަށް 52 މެންބަރަކު ވޯޓު ދެއްވިއެވެ. މަޖިލީހަށް ފަޒުލްގެ ފަރާތުން އެ ގަރާރު ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާ ހިލާފަށް ގިރަމުންދާތީ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދިއުމާއެކު ރައްޔިތުންނަށް ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެރަށް އާދަޔާ ހިލާފަށް ގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި ރައްޔިތުންގެ ގޯތިގެދޮރަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑުވެ، ދިރިއުޅުމަށްވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވަނީ ފުލިދޫ މިސްކިތް ހުންނަ ސަރަހައްދު ގިރައިގެން ގޮސް މިސްކިތައް ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިންގެ ބީޗްވެސް ގިރައިގެން ގޮސްފައިވާކަމަށް ވަނީ ފާހަގަކޮއްފައެވެ.

އެކަމުގެ ސަބަބުން ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ގެސްޓްހައުސް ތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ރަށުގެ ފާލަންވެސް ބޭނުން ނުކުރެވޭ ކަމަށް ވަނީ ފަޒުލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *