އާއްމު މަސްލަހަތު ގެއްލޭ ހަރަކާތްތަކަށް ހިތްވަރު ނުދިނުމަށް ޖަމިއްޔާތަކަށް އަންގައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު -- އާއްމު މަސްލަހަތު ގެއްލޭ ހަރަކާތްތަކަށް ހިތްވަރު ނުދިނުމަށް ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ވަނީ ގޮވާލާފައި: ފޮޓޯ /ސަން

އާއްމު މަސްލަހަތު ގެއްލޭ ހަރަކާތްތަކަށް ހިތްވަރު ނުދިނުމަށް ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން އަންގައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ
ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް، ރަޖިސްޓްރީކޮށް ހިންގަމުންދާ ބައެއް ޖަމިއްޔާތަކުން ސޯޝަލް މީޑިއާއާއި އަދި އެހެނިހެން ޕްލެޓް ފޯމްތަކުގައި ދައްކަމުންދާ ވާހަކަތަކާ މެދު އެ މިނިސްޓްރީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާޙު ކުރުވުމަށް، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން، އެ ހައްގުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކަށާއި ދައްކާ ވާހަކަތަކައް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންތައްތައް މެދު ވާހަކަ ދެކެވުމަކީ ހަރުދަނާ ޑިމޮކްރެޓިކް މުޖްތަމައުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމުގައިވެސް ދެކޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެހެން ނަމަވެސް، ގާނޫނާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އާއްމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކަށާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިންގާ ކަންތައްތަކެއް ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ރަޖިސްޓްރީ ކޮށްގެން ހިންގެ ޖަމިއްޔާ ޖަމާއަތްތަކުން، ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތުން އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ޔޫތު މިނިސްޓްރީން އެފަދައިން ބުނެފައިވާއިރު އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ނުވަތަ ޖިންސީ ގޯނާ ކުރާ މައްސަލާގައި މިފަހަކަށް އައިސް މާލޭގައި އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ޖަމިއްޔާތަކުންނާއި އެ ޖަމިއްޔާތަކުގައި އިސްކޮށް އުޅޭ ފަރާތްތަކުން އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.

މީގެއިތުރުން ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ދެކޮޅަށާއި ރައްޔިތުން މަޖިލީހުން ކުރާ މަސައްކަތްތަކަށް ފާޑު ކިޔުމުގެ ގޮތުން ދާދިފަހުން މަޖިލިސް ކައިރީގައިވެސް ވަނީ އިހުތިޖާޖެއް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި އެ އިހުތިޖާޖު ކުރި ޖަމިއްޔާ އިން އަންނަނީ ސަރުކާރުގެ ބައެއް ކަންކަމާއި ފާޅުގައި ފާޑު ކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *