އީވާ ޑރ. އިޔާޒަށް: ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަ ކުރަން ޖާގައެއް ނުދޭނަން!

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: ފޮޓޯ / މަޖިލިސް

ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދީފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޑރ. އިޔާޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ވިދާޅުވީ ޓުވިޓާ ހޭންޑަލްގެ ކުރިއަށް ޑޮކްޓަރު ޖެއްސެވުމަށް ފަހު، ޓީވީއަށް އަރާ އިނދެ ޝެއިޚް ކިޔުއްވާ ބޭފުޅުން އަންހެން މީހާ އައުރަ ނިވާ ވީމާ ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށް ވިދާޅުވާ ކަމަށެވެ. އީވާ ވިދާޅުވީ އެއީ "މުޑުދާރު" ވާހަކައެއް ކަމަށެވެ.

އީވާ ވިދާޅުވީ އަނިޔާ ލިބެނީ އަންހެން މީހާ އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން ނުވަތަ ދިޔަ ތަނެއްގެ ސަބަބުން ކަމަށް ބުނުމަކީ ގައުމުގައި ޖިންސީ އަނިޔާއަށް ކަނޑައެޅިގެން ހިތްވަރު ދިނުން ކަމަށެވެ.

"އަޅުގަނޑު ތި ޑރ.އިޔާޒަށް ދަންނަވާލަން ބޭނުން، ހަބަރުދާރޭ، ހުއްޓާލާށޭ، ފަހަތަށް ޖެހޭށޭ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓްވިޓާ ހޭންޑަލް ބޭނުންކުރިއްޔާ މި މައިކު އަޅުގަނޑުގެ އަތުގައި އޮތް ހިނދަކު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި އެކުރާ ފަޟީހަތް ކުރަން، އެކުރާ ގޯނާކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު އޭނާއާ ދެކޮޅު މި މައިކް އޭނާއާ ދެކޮޅަށް ބޭނުން ކުރާނަމޭ" އީވާ ވިދާޅުވިއެވެ.

އީވާ ވަނީ އަހަރު ނުފުރޭ ތުއްތު ކުއްޖާ ރޭޕްކުރަނީ، އަދި ބައްޕައިން އަމިއްލަ ދަރިން ރޭޕްކުރަނީ އެކުދިން ކޮން ހެދުމެއް ލައިގެން ތިބޭތީތޯ ސުވާލު އުފައްދަވައިފައެވެ.

އިސްލާމްދީނަކީ އަންހެނުން ފުރަތަމަ މުދާވެރި ކުރުވި ދީން ކަމަށް ވިދާޅުވެ އީވާ ވިދާޅުވީ އިސްލާމްދީނުގައި މަންމާގެ ނަން ތިން ފަހަރަށް އައިސް ނޫނީ ބައްޕަގެ ނަން ނާންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ގަދަރުކުރަން، އަޅުގަނޑުމެންނަށް އިހްތިރާމްކުރަން މި ގޮވާލި ދީނުގެ ނަމުގައި ޝެއިޚް ކިޔައިގެން ދިވެހި އަންހެނުން ފުރައްސާރަކުރާތަން ބަލާކަށް އަޅުގަނޑޫމެން ނުތިބޭނަން،" އީވާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *