ދައުވާތަށް ބޭރުކޮށްލުމުން އަދީބު މިނިވަންވެއްޖެ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ---

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވެއްޖެއެވެ.

ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބާއި ގާތް ގުޅުމެއް އޮންނަ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަށް ޖަމާކޮށް ހިންގި ހިޔާނާތް ތިން ބިލިއަން ރުފިޔާ އަށް އަރައެވެ. އެ އަދަދު އެނގުނީ، ކުރީގެ ސަރުކާރުގެ ހިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުންނެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ބުނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ދައުލަތާއި އެކުގައި އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާ އަށް ދިއުމަށް ކަމަށެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެގެން ކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ގާޒީ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދީބާއި އެކުގައި އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އިއުތިރާފްގެ އެއްބަސްވުމުގައި ސޮއި ކުރުވުމުގެ ކުރިން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް ދައުލަތުން އަދީބާ އެކު ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހެދުމުގެ ބާރު ޖިނާއީ އިޖްރާއާތުގެ ގާނޫނުން ދަށުން ދައުލަތަށް ނުލިބޭ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.

އެ ދައުވާތައް ބާތިލް ކުރުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި އަދީބު އެއްކޮށް މިނިވަންވީއެވެ.

Leave a Reply

Your email address will not be published. Required fields are marked *