ރިޔާސީ ކޮމިޝަނުތައް އުވާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ފޮޓޯ / މަޖިލސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި ހިޔާނާތުގެ ފައިސާތައް ހޯދުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުތައް އުވާލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހު އުފެއްދެވި އެ ދެ ކޮމިޝަނަށް ހަވާލުކުރެވިފައިވާ ގާނޫނީ ޒިންމާ އަދާ ކުރެއްވުނު ކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށެވެ.

"އަޅުގަނޑުގެ ހިތަކަށް މިހާރު ނުވަދޭ މި ދެ ކޮމިޝަން އޮތުމުގެ ބޭނުމެއް އޮތް ކަމަކަށް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް އެކަމުގައި ގޮތެއް ނިންމަވާނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމަށެވެ. އެމަނިކުފާނުގެ ބުއްދި އަށް މިހާރު ވިސްނެނީ އެ ދެ ކޮމިޝަނުގެ ވެސް ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ތަންތަން މިހާރު އުވާލެވެންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ދެ ކޮމިޝަނުވެސް އުވާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު ދާދިފަހުން އެމަނިކުފާނު ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ދެން މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް މަރު ކޮމިޝަނުން ވަނީ އެކަން ދޮގު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *