"ލާދީނީ" މި ބަހުގެ މާނަ ނަޝީދު ހާމަ ކޮށްދެއްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ލާދީނީ" މި ބަހުގެ މާނައަކީ ކޮބައި ކަމާއި "ލާދީނީ" މިބަސް ބޭނުން ކުރަނީ ކޮން ބަޔަކާއި ދިމާލަށްކަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަ ކޮށްދެއްވައިފިއެވެ.

އާއްމު ގޮތެއްގައި "ލާދީނީ" މި ބަހަކީ ސިޔާސީ ހަރަކާތްތަކުގައި ވެސް ބޭނުންކޮށް އުޅޭ ބަހެކެވެ. ހާއްސަކޮށް މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން މިހާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ދިމާލަށް "ލާދީނީ" މިބަސް ބޭނުން ކޮށް އުޅެއެވެ. އަދި ރައްޔިތުން މަޖިލީހުގައި ވެސް އެބަސް އިދިކޮޅު ފަރާތްތަކުން އަންނަނީ ބޭނުން ކުރަމުންނެވެ.

މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރަކު އެ ބަސް ބޭނުން ކުރުމުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އަބަދު ލާދީނީ ކިޔާ ކިޔާ މިއަދު އެހެން ކިޔާ މީހުންނަށްވެސް އެމީހުންނަކީ ވެސް ލާދީނީ ބައެއް ކަމަށް ދޭހަވެގެންދާ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، އަބަދު ލާދީނީ ކިޔާ ކިޔާ މިހާރު އެހެން ކިޔާ މީހާއަށްވެސް ހީވޭ އެއީ ލާދީނީ މީހެކޭ،" ދޮންބިލެއް ވިދާޅުވިއެވެ.

ދޮންބިލެއް ވާހަކަދައްކަވާ ނިންމާލެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އެއްވެސް ހާލެއްގައި "ލާދީނީ" އެ ބަހަކީ މާތް ރަސްކަނލާގެ ވޮޑިގެންވާކަން ގަބޫލު ނުކުރުމެއް ނޫން ކަމަށާއި އަދި އެބަހަކީ ރަސޫލާގެ ރަސޫލުކަން ވެސް ގަބޫލު ނުކުރެއްވުމެއް ނޫން ކަމަށެވެ.

ލާދީނީ އެބަސް ދުނިޔެއަށް ފެތުރިގެން އައީ މީލާދީގެން 1500ގެ އަހަރުތަކުގެ ތެރޭގައި ކްރިސްޓިއަން ދީން ވަރަށް ބޮޑަށް ދެބައިވެގެން ދިޔަ ދިއުމެއްގެ ތެރޭގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއްބަޔަކު ދެކުނު ގޮތުގައި ދީނާ ސިޔާސަތު ދުރު ކުރަން ޖެހޭ ކަމަށާއި އެބޭފުޅުން ދެކުނީ އެއީ ސެކިއުލިރިޒަމްގެ ގޮތުގައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

"ފަހުން ސެކިއުލިރިޒަމް އަށް ދިވެހި ބަހެއްގެ ގޮތުގައި މި ގެނެވުނު ބަހެއް ކަމަށް އަޅުގަނޑަށް ފެނުނީ ލާދީނީ. އޭގެއިން މިދަނީ ދީނާ ހިލާފު ކަމަށް ފާހަގަ މިކުރެވެނީ. ހަގީގަތުގައި ލާދީނީ އެ މަފްހޫމަކީ، ސިޔާސީ ކަންކަން ދީނީ ކަންކަމުގެ ތެރޭގައި ނުގެންގުޅުމުގެ މަފްހޫމް. ދީން ގަބޫލުކުރުންތޯ ނުވަތަ ނޫންތޯ އެ ސުވާލެއް ނޫން، އެ މަފްހޫމުން ނުވަތަ ލާދީނީ މި ވާހަކައިން މި ނިކުންނަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *