ދިވެހި ސަރުކާރު ލާދީނިއްޔަތަށް ހިތްވަރުދޭ: ޝިޔާމް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތް ސަރުކާރަކީ ލާދީނިއްޔަތަށް ހިތްވަރު ދޭ ސަރުކާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"އަޑީ ދައުލަތަކީ" ކޮބައިކަން ސާފު ކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އަބްދުﷲ ޖާބިރު "އަޑީ ދައުލަތް" މާނަ ކުރައްވާ ގޮތާއި އެމަނިކުފާނު ނުވަތަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "އަޑީ ދައުލަތް" މާނަ ކުރައްވާ ގޮތް ތަފާތު ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 10ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އެ ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިސްލާމްދީނާއި ހިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުން ދަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކަންކަން ކުރެވެމުންދާތަން ކަމަށެވެ. ހަރުކަށި ފިކުރަކީ އެއްވެސް ވަރަކަށް ގަބޫލުކުރައްވާ ފިކުރެއް ނޫން ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ރާއްޖޭގައި ލާދީނީ ފިކުރުގެ މައްސަލަތައް ވެސް އުޅޭ ކަމަށެވެ.

"މިއީ މިނިވަން ގައުމެއް. ގާނޫނުއަސާސީގައި އެކަންވެސް ބަޔާންކޮށްފައި އެބައޮވޭ. އަޅުގަނޑުމެން އުޅެމުން މިދަނީ އިސްލާމްދީނަށް. ކުޑަކުޑަ މުޖުތަމައުއެއް މިއީ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ގޮތަށް، އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައުގެ ތެރޭގައި މަސްލަހަތު ގެއްލޭ ގޮތަށް އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަން ކުރާ ބާރު އަޅުގަނޑުމެން ކިޔާ ލާދީނިއްޔަތަށް ހިތްވަރު ދީގެން މަސައްކަތް ކުރާތަން ފެންނަނީ. މިއީ އަޅުގަނޑުމެން މާ ބިރު ގަންނަ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

މިތަނުން އިސްލާމްދީން ފުހެލުމަށް ޖަމިއްޔާތަކުން މަސައްކަތް ކުރާ ކަމަށާއި އެކަމަށް ހިތްވަރުދޭކަން އެނގިގެން ދަނީ އެފަދަ ފަރާތްތަކަށް ދައުލަތުގެ މަތީ މަގާމުތަކުގައި ތިބެވޭކަން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"މިކަމުން ދޭހަ ކޮށްދެނީ މިއަދު އޮތް ސަރުކާރު މިކަމަށް ހިތްވަރު ދޭކަން. މިއީ އަޅުގަނޑުމެން މާ ބިރުގަންނަ ކަމެއް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވިއެވެ.

ހުރިހާ ކަމަކަށްވުރެ ވެސް ރާއްޖޭގައި އެންމެ މުހިއްމީ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށާއި އިސްލާމްދީން ނެތިގެންދާ ދުވަހަކީ މި ރާއްޖޭގެ މިނިވަންކަންވެސް ގެއްލިގެން ދާނެ ދުވަހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *